Archive for July, 2008

ޓީޗާރސް، ޕޭރެންޓްސް، ސްޓޫޑެންޓްސް ބްލޮގަށް މަރުހަބާ

ހުޅުދޫ، މީދޫގެ ސްކޫލުތަކުގައި ކިޔަވާ ދަރިވަރުންނާއި އެދަރިވަރުންގެ ބެލެނިވެރިން އަދި މުދައްރިސުން މިހާރަށްވުރެ ހޭލުންތެރިކުރުވުމުގެ މަގްސަދުގައި ވެބް ބްލޮގެއް ތަޢާރަފް ކޮށްފިއެވެ. މި ބްލޮގްގައިވާ ގޮތުން ބެލެނިވެރިންނާއި ޓީޗަރުން އަދި ސްކޫލު ދަރިވަރުންނަށް އަމާޒުކޮށްގެން ލިޔާ ލިޔުންތަކަށް އެ ބްލޮގުން މަރުހަބާކިޔާނެވެ.

ޓީޗާރސް، ޕޭރެންޓްސް، ސްޓޫޑެންޓްސް ބްލޮގް ލޯންޗް ކޮށްފައިވަނީ 23 ޖުލައި 2008 ގައެވެ. މިއީ ސްކޫލު ދަރިވަރުންނަށާއި ބެލެނިވެރިން އަދި ޓީޗަރުންނާއި ގުޅޭ ޚަބަރުތައް ގެނެސްދިނުމަށް މި ދެރަށުގައި އުފެއްދި ފުރަތަމަ ވެބް ބްލޮގެވެ. ނަމަވެސް މި ބްލޮގު އުފައްދައި އަޕްޑޭޓް ކުރަނީ ކޮންފަރާތަކުން ކަމެއް މީދޫ ވީކްލީއަށް އެނގިފައިނުވެއެވެ. އަދި އެ ބްލޮގުން އެފަދަ މައުލޫމާތެއް ހާމަކޮށްފައިވެސް ނުވެއެވެ. މީދޫ ވީކްލީއިން އެދެނީ މިފަދަ ބްލޮގުތަކުން މައުލޫމާތު ފެތުރުމުގައި އެއްވެސްފަރާތެއްގެ ނުފޫޒު ދަށުނުވެ، ހަމަ ހަމަކަމާއެކު އަދުލު އިންސާފުން އެއްކިބާނުވެ އާއްމުންނަށް ޚަބަރުތައް ގެނެސްދިނުމެވެ.

ޓީޗާރސް، ޕޭރެންޓްސް، ސްޓޫޑެންޓްސް ބްލޮގުގެ އެޑްރެހަކީ http://teachersparentsstudents.blogspot.com  އެވެ.


Add comment July 31, 2008

… ސްކޫލާއި ސްކޫލުން ބޭރުގަޔާއި

ސްކޫލާއި ސްކޫލުން ބޭރުގަޔާއި ގޭގައި ދަރިވަރުންނާއި ބެލެނިވެރިންނާއި ޓީޗަރުންނަށް ދިމާވާ އެކިއެކި ކަންތައްތައް ހައްލުކުރުމާއި ތަޙްގީގު ކުރުމުގައި އެފަރާތްތަކުގެ އަބުރު ނުގެއްލޭގޮތަށް ކުރިއަށް ގެންދިއުމަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. ސްކޫލު ދަރިވަރުން ނުވަތަ ޓީޗަރުން ނުވަތަ ބެލެނިވެރިންގެ ފަރާތުން ދިމާވާ ކަންތައްތައް ތަހުގީގުކުރާއިރު ދެފަރާތުން ދެކެވޭ ވާހަކަތައް ރިކޯޑްކޮށްގެން އެރިކޯޑްތައް އެކިއެކި މީހުންނަށް ފޮނުވައިގެން ހޮޅޮއޮށި ތަކާއި ސައިހޮޓާ ތަކާއި ގޯޅިގޯޅީގެ ކަންމަތީގައި ޖެހުމަކީ އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ.

ގިނަފަހަރު މިފަދަ ތަހްގީގުތައް ކުރަންޖެހެނީ ކުޑަކުދިން ކުރާ ކަންތަކާއި ގުޅިގެން ކަމުގައި ވާހިނދު ކުޑަކުދިންގެ ޙައްގު ތަކަކާއި އެކުދިންނަށް ދިމާވާ ކަންތައްތައް ބަލަހައްޓާ ސަރުކާރުގެ މުއައްސިސާއެއް އެބަހުރިކަން މިފަދަ ކަންތައް ހިންގާ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްދެމެވެ.

ނޯޓް: މިލިޔުމަކީ ޕޭރަންޓް ޓީޗާސް ސްޓޫޑަންޓް ބްލޮގުން ނަގާފައިވާ ލިޔުމެކެވެ. ލިޔުމުގެ އަސްލު ބެއްލެވުމަށް


4 comments July 31, 2008

ދޮގުވެރީންގެ ލިސްޓުގެ 1 ވަނައިގާ އޮތީ މައުމޫން، ދެވަނައިގާވެސް މައުމޫނު، ތިންވަނައިގާވެސް……: ޝަހީދު ޒަކީ

ދޮގުވެރިންގެ ލިސްޓާއެކު ދޮގުގެ ލިސްޓްވެސް މިހާރު މިދަނީ ހާމަވަމުންނެވެ. އެގޮތުން ޖުމްހޫރީ ޕާޓީގެ ވަގުތީ ރައީސް ޝަހީދުޒަކީ ނޫސްވެރީންގާތު ވިދާޅުވީ އޭނާ ހެއްދެވި ދޮގެއް މައުމޫނަށް ވިދާޅުނުވެވޭ ކަމަށެވެ. އަދި މައުމޫނު އެ ހައްދަވައިގެން އުޅުއްވާ ކަހަލަ ދޮގުވެރީންގެ ލިސްޓެއް އޭނާވެސް ހައްދަވަމުންދާކަމަށް ޝަހީދު ވިދާޅުވިއެވެ. ” އަޅުގަނޑު މި ހަދަމުންދާ ދޮގުވެރީންގެ ލިސްޓުގެ 1 ވަނައިގާ އޮތީ މައުމޫން، ދެވަނައިގާވެސް މައުމޫނު، ތިންވަނައިގާވެސް……، މިހެންގޮސް ދޮގުވެރީންގެ ލިސްޓުގެ 03 ވަނައާއި ހަމައަށްވެސް އޮތީ މައުމޫން. ” މައުމޫނަށް ވަރަށް ހަރުކަށި ރައްދެއް ދެއްވަމުން ޝަހީދުޒަކީ ވިދާޅުވިއެވެ.

ދޮގު ހަދާމީހުންގެ ލިސްޓުގެ އެންމެ ކުރީގެ ވަނަތައް މައުމޫނަށް އަރުވަންޖެހުނު ބައެއް ސަބަބުވެސް ޝަހީދުޒަކީ މިއަދު ވިދާޅުދެއްވަވާފައެވެ. މިގޮތުން އޭނާ ވިދާޅުވިގޮތުގައި، 1988 ވަނަ އަހަރުގެ ނޮވެމްބަރ 3 ގެ ޢުދުވާނު ހިންގުމަށްފަހު، މާލޭ ބަނދަރުގައި އޮތް ބޯޓެއްގައި ފިލައިގެން ދިޔަ ތަމަޅައިން ރަހީނުންގެ ގޮތުގައި ގެންދިޔަ ދިވެހީންގެ ތެރެއިން އެކަކުވެސް، ދިވެހިސިފައިން ނުވަތަ އިންޑިޔާ ސިފައިންގެ ހަމަލާއެއްގައި މަރުނުވާކަމަށް މައުމޫނު ވިދާޅުވިއިރު، ރަހީނުންގެ ތެރޭގައި ހިމެނުނު ގިނަ ދިވެހީން މަރުވީ އިންޑިޔާ ސިފައިން ތަމަޅައިން ތިބި ބޯޓަށް ދިން ޙަމަލަތަކުންކަން ފަހުންވަނީ ޔަޤީން ވެފައެވެ. އަދި 1990 ވަނަ އަހަރު އެތައް މިލިއަން ޑޮލަރަކަށް ޚިޔާނާތްތެރިވެ، އެންދެރިމާގޭ އިލްޔާސް ފިލައިގެން ދިޔައީ މައުމޫނަށް ނޭނގިކަމަށް ވިދާޅުވި ވިދާޅުވުމަކީވެސް މައުމޫނު ހެއްދެވި ދޮގެއްކަމަށާ، 2003 ގެ ސެޕްޓެމްބަރ 19 ވަނަ ދުވަހު މާފުށީ ޖަލުގައި ހަވަޔަށް، ވަޔަށް، ފަޒާއަށް ބަޑިޖެހިކަމަށް މައުމޫނު ހެއްދެވި ދޮގުތަކާ، ރާއްޖޭގައި ޔުނިވަރސިޓީއެއް ޤާއިމްކޮށް ދިނުމުގެ މަސައްކަތާ ގުޅިގެންނާ، ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާއާއި ގުޅިގެންވެސް މައުމޫނު އެތައް ދޮގެއް ހައްދަވާފައިވާކަމަށް ޝަހީދު ފާހަގަކުރެއްވިއެވެ.


Add comment July 31, 2008

ފޯއްމުލަކު ހޯދަޑު އަވަށުގެ ޑީއާރްޕީގޮފީގެ ނައިބުރައީސް 30 ކޭސް ބިއަރާއެކު ރަށަށްވަޑައިގެންފި

ލިޔުމުގެ އަސްލު ބެއްލެވުމަށް

ޑީއަރްޕީގެ ކޮންގްރެސްއަށް މިފަހަރު ފޯއްމުލަކުން މާލެ ވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން އެރަށު ހޯދަޑު އަވަށުގެ ފޯއްމުލަކު ގޮފީގެ ނައިބުރައީސް ޏ. ފޯއްމުލަކު ބީހަނީގޭ މުޙައްމަދު މުސްތަފާ، 30 ކޭސް ބިއަރާއި 60 ފުޅި ބަނގުރަލާއެކު ރަށަށްވަޑައިގެންފިކަމަށް މަޢުލޫމާތު ލިބިއްޖެއެވެ. މިހާރު މީނާވަނީ  ފުލުހުންގެ ބެލުމުގެ  ދަށަށް ގެނެސްފައިކަމަށްވެސް މަޢުލޫމާތު ލިބެއެވެ. މިއަދު ފޯއްމުލަކުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނުވުނު ބަނގުރަލުގެ ތެރޭގައި 717 ދަޅު ބިޔަރާއި 60 ފުޅި ވިސްކީއާއި ވޮޑުކާ ހިމެނޭކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ފޯއްމުލަކުގެ ބައެއް ޢާއްމު ރައްޔިތުން މަޢުލޫމާތު ދޭގޮތުގައި މިތަކެއްޗަކީ ފުޓްބޯޅަ ތަށި ފޯއްމުލަކަށް ގެންދަންވާއިރަށް އެކަމުގެ އިޙްތިފާލުތަކަށް ގެންގޮސްފައިވާ ތަކެއްޗެވެ. މިތަކެތި ގެންދިއުމުގައި ބައިވެރިވެފައިވާވަނީ ޑީއާރްޕީގެފަރާތުން ފޯއްމުލަކުގައި ޙަރަކާތްތެރިވާ ވަރަށް އިސްފަރާތްތައްކަމަށް ރަށުގެ ވަރަށްގިނަ ރައްޔިތުން ތުހުމަތު ކުރެއެވެ. ޚާއްޞަކޮށް ހޯދަޑުއަވަށުގެ ޑީއާރްޕީގޮފީގެ ނައިބު ރައީސާއި، ދާދިފަހަކުން ޑީއާރްޕީގެ ސިޔާސީ ފެންޑާގައި ފެނިފައިވާ ބޭފުޅަކާއި، ޑީއާރްޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ފޯއްމުލަކު ދާއިރާގެ ސަރަޙައްދަކަށް (ފޯއްމުލަކުގެ މެދުތެރޭގެ ސަރަޙައްދަށް) ކުރިމަތިލުމަށް މިހާރު ކެންޕޭން ކުރަމުންގެންދާ މީހެއްކަމަށް ފޯއްމުލަކުގެ ޢާއްމު ރައްޔިތުން ބުނެއެވެ.

މިއީ ޒަޢީމުގެ ކަމަރުބަނުމަށް ފޯއްމުލަކުން އައިވަފުދަށް ލިބިފައިވާ ހިތްވަރު ދިނުމުގެ އިނާމެއް ނޫންބާވައެވެ؟ އެހެނީ ރާއްޖެއިން ޑްރަގްގެ ކަންތައް ހަތަރު މަސްދުވަހުގެ ތެރޭގައި މުޅިން ނައްތާލާނެކަމަށް ވިދާޅުވިތާ މާގިނަދުވަހެއްނުވެ، ކަނޑުއަޑީން ކޮންޓޭނާއެއްގެ ޑްރަގް ފެނިފައިވެއެވެ. އަދި އެއަށްފަހު މާލެއިން އާދަޔާ ޚިލާފަށް ގިނައިން ބަނގުރަލާ މަސްތުވާތަކެތި ފުލުހުން ހޯދާފައިވެއެވެ. ކުޑަކުދިންނާ ޒުވާނުން މިކަމުގައި ދެވިހިފައިފައިވާ މިންވަރު، ޒަޢީމު މިހެން ވިދާޅުވުމަށްފަހު އިތުރުވެފައިވާކަމަށް ޕޮލިސް ރިޕޯޓްތަކުން ހާމަވެއެވެ.

ފޯއްމުލަކުން މަޢުލޫމާތު ލިބޭގޮތުގައި ރަށުގައި އުޅޭ ޕާޓޭ ފާޑުކުދިން ބުނާގޮތުގައި މިކަން އެރަށުން ހުއްޓުވާލުކަމީ ކުރެވޭނޭ ކަމެއްނޫނެވެ. އެމީހުން ބުނާގޮތުން މިކަމުގައި ވަރަށް ބާރުގަ ފަރާތްތަކެއް އެމީހުންނަށް އެހީތެރިވާކަމަވެއެވެ. މާލޭގެ ހަރުކުލައިގެ މުސްކުޅިން ބުނާގޮތުގައި މަސްތުވާތަކެއްޗާއި، ބަނގުރަލާ ނާސިގެ ހިންގުމުގައި އިސްކޮށް އުޅޭފަރާތްތަކަކީ މިއަދުގެ ސަރުކާރުން ޙިމާޔަތްކޮށްފައިވާ ދަރިކޮޅެއްގެ ބައެކެވެ. އެބައިމީހުންނަށް ގޯނާކުރުމާ ހިފާހައްޔަރުކުރުމަކީ ވަރަށް ސަރުކާރުން ވަރަސް ނުރުހޭކަމެކެވެ.


Add comment July 31, 2008

ކުއްލި ޚަބަރު: މަޝްހޫރު ވޮލީ ކުޅުންތެރިޔާ އިބްރާހިމް ޖަމާލުގެ ބައްޕަ ނިޔާވެއްޖެ

ކުއްލި ޚަބަރު: މަޝްހޫރު ވޮލީ ކުޅުންތެރިޔާ އިބްރާހިމް ޖަމާލުގެ ބައްޕަ ނިޔާވުމާއި ގުޅިގެން މިއަދު ކުޅުމަށް ހަމަޖެހިފައިވާ ވޮލީ މެޗްތައް ނުކުޅޭ ގޮތައް އެފް.އެމް.ޑީން ހަމަޖައްސައިފިއެވެ.

 

މަރުހޫމު ޖަމާލުއަށް މާތްﷲގެ ހެޔޮ ރަހުމަތްފުޅާ ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވުމަށް އެދި ދުޢާކުރަމެވެ.

=މީދޫ ވީކްލީ=


1 comment July 29, 2008

އެފް.އެމް.ޑީ ކަޕް 2008:ހަނދުފުށްޓާއި ޕޮލިސް މޮޅުވެއްޖެ

އެފް.އެމް.ޑީ ކަޕް 2008 ގައި އިއްޔެ ހަވީރު ކުޅެވުނީ ހަނދުފުށި ރިސޯޓްގެ ޓީމާއި ސޮކަރ ވޮލީއެވެ. މި މެޗް 3-2 ސެޓުން ކާމިޔާބުކުރީ ހަނދުފުށި ޓީމެވެ. މެޗްގެ ކުއީން އޮފްދަ މެޗަށް ހޮވުނީ ހަނދުފުށި ޓީމުގެ ފާތިމަތު ވަސީމާއެވެ. މި މުބާރަތުގެ ފިރިހެން ޑިވިޝަންގައި ރޭ ބައްދަލުކުރީ މުލިމަތި ޓީމާއި ހުޅުމީދޫ ޕޮލިސް ޓީމެވެ. މި މެޗް ސީދާ 3 ސެޓުން ކާމިޔާބުކުރީ ޕޮލިހެވެ. މެޗްގެ އެއްމެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ޕޮލިސް ޓީމުގެ ޔާސީނުއެވެ.

މި މުބާރާތުގައި މިއަދު ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ އިއްޔެގެ މެޗުން މޮޅުވި ހަނދުފުށި ޓީމާއި އައި ޓެކް ސްޕޯޓްސްއެވެ. އައި ޓެކް ސްޕޯޓްސް ވަނީ އެޓީމުން ކުޅުނު ފުރަތަ މެޗުން މޮޅުވެފައެވެ.

ޚަބަރާއި ގުޅޭ ފޮޓޯތައް:


Add comment July 29, 2008

އެފް.އެމް.ޑީ ކަޕް 2008 ފެށިއްޖެ

ފައުންޑޭޝަން ފޯ މީދޫ ޑިވެލޮޕްމަންޓުން މިއަހަރުގެ މިނިވަންދުވަހާއި ގުޅުވައިގެންބާއްވާ “އެފް.އެމް.ޑީ ކަޕް 2008″ ވޮލީ މުބާރާތުގެ ކުޅުން އިއްޔެ ހަވީރު ފެށިއްޖެއެވެ. މީދޫ ސޯޝަލް ސެންޓަރު ވޮލީ ކޯޓުގައި ކުރިއަށްދާ މި މުބާރާތުގެ ފުރަތަމަ މެޗުގައި އިއްޔެ ހަވީރު ކުޅެވުނީ އަންހެން ޑިވިޝަންގެ މެޗެކެވެ. މި މެޗްގައި މީދޫ ޖޫނިއަރސް އާއި ބައްދަލުކޮށް ސީދާ 3 ސެޓުން މެޗް ކާމިޔާބު ކޮށްފައިވަނީ އައި ޓެކް ސްޕޯޓްސްއެވެ. ގިނަ އަދަދެއްގެ ސަޕޯޓަރުން ކުޅިބަލަން ދިޔަ މި މެޗްގެ ކުއީން އޮފްދަ މެޗަށް ހޮވިފައިވަނީ ހައި ޓެކްގެ ޝާމިލާއެވެ. މި މުބާރާތުގެ ފިރިހެން ޑިވިޝަންގެ ކުޅުން ފެށިފައިވަނީ ރޭގައެވެ. ފިރިހެން ޑިވިޝަންގެ ފުރަތަމަ މެޗްގައި މީދޫ ޖޫނިއަރސް އާއި ބައްދަލުކޮށް 3 ސެޓްން މެޗް ކާމިޔާބުކުރީ މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ހިމެނޭ ފިށިމަތި ޓީމެވެ. މީދޫ ޖޫނިއަރސް މި މެޗުން ބަލިވިނަމަވެސް އެ ޓީމުންވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މި މެޗްގެ މޭން އޮފްދަ މެޗަށް ހޮވުނީ ފިށިމަތި ޓީމުގެ އާނިސްއެވެ. އާނިސް އަކީ މީދޫ ގަދަ 6 ގައި ހިމެނޭ ކުޅުންތެރިއެކެވެ.

މީދޫ ވީކްލީ އާއި ޝަޒުމް އިންވެސްޓްމަންޓް ގުޅިގެން މި މުބާރާތުގެ މެޗްތައް ކުޅެވޭ ވަގުތު ވަރަށް ޚާއްސަ ލަކީ ޑްރޯއެއް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖައްސާފައެވެ. މި ލަކީ ޑްރޯގެ މަގްސަދަކީ ކުޅިވަރުގެ ތެރެއިން އިޖްތިމާއީ އެއްބައިވަންތަކަން އާލާކުރުމަށްޓަކައި ތަފާތު އެކި މެސްޖްތައް ބެލުންތެރިންނަށް ގެނެސްދިނުމުވެ.


Add comment July 28, 2008

މިނިވަންދުވަސް މީދޫ ފާހަގަކުރަނީ

މިއަހަރުގެ މިނިވަންދުސް ފާހަނގަ ކުރުމުގެ ގޮތުން ރަށުގައި ބާއްވާ ހަރަކާތްތައް ފެށިގެން ދިޔައީ ރޭ ޝަމްސުއްދީނު ސްކޫލުގައި ބޭއްވި ޚާއްސަ ޖަލްސާއަކުންނެވެ. މި ޖަލްސާއަކީ ސްކޫލު ކުދިންނަށް މިނިވަން ދުވަހާއި ބެހޭގޮތުން މައުލޫމާތު ދެއްވުމަށް ބޭއްވުނު ޖަލްސާއެއްކަމަށް އެ ސްކޫލުން މައުލޫމާތު ދެއްވައެވެ. މީގެ އިތުރުން މިއަދު ހަވީ 4:15ގައި  އެ ސްކޫލުގެ ބްރާސް ބޭންޑް ރަށުގެ ބޮޑު މަގުގައި ކުޅޭނެއެވެ. ޕްރައިމަރީ ސްކޫލެއްގައި މިހާތަނަށް އުފައްދާފައިވާ ހަމައެކަނި ބްރާސް ބޭންޑުން ވަނީ މިއަހަރުގެ ކުޑަކުދިންގެ ދުވަހުގައިވެސް ރަށުގެ ބޮޑު މަގުތަކުގައި އެބޭންޑްގެ ހުނަރު ދައްކާލާފައެވެ. ޝްމްސުއްދީނު ސްކޫލުގެ ބްރާސް ބޭންޑުން މިއަދު ހުށަހަޅާ އައިޓަމުގައި އެ ސްކޫލުގެ ހުރިހާކުދިން ބައިވެރިވާނެކަމަށް ސްކޫލުގެ ސްޕަވައިޒަރ އަލީ ޝަރީފު މީދޫ ވީކްލީއަށް މައުލޫމާތު ދެއްވިއެވެ.

މިނިވަން ދުވަސް ފާހަގަ ކުރުމަށްޓަކައި ޝަރީފީ ޕްރީ ސްކޫލުންވެސް ކުޑަކުދިންގެ ވަރަށް ޚާއްސަ އައިޓަމްތަކެއް މިއަދު ހަވީ ބޮޑު މަގަގައި ހުށަހަޅާގޮތައް ވަނީ ހަމަޖައްސާފައެވެ. އެގޮތުން ތުއްތު ކުދިންގެ ތަފާތު އަޓަމްތަކެއް މިއަދު ފެނިގެންދާނެ ކަމަށް ޝަރީފީ ޕްރީ ސްކޫލުން މައުލޫމާތު ދެއްވައެވެ.

ޖުލައި 26 ފާހަގަ ކުރުމުގެ ގޮތުން ފައުންޑޭޝަން ފޯ މީދޫ ޑިވެލޮޕްމަންޓުން ހިންގުމަށް ހަމަޖައްސާފައިވަނީ ދެޖިންސަށް ވަކިން ހުޅުވާލެވިފައިވާ ވޮލީ މުބާރާތެކެވެ. މި މުބާރާތުގައި އަންހެން 4 ޓީމު، އަދި ފިރިހެން 4 ޓީމުން ބައިވެރިވެފައިވެއެވެ. މުބާރާތް ހުޅުވާ މެޗްގައި މާދަމާ ހަވީރު ކުޅޭނީ އަންހެން ޑިވިޝަންގެ ދެޓީމު ކަމަށްވާ ހައި-ޓެކް ޓީމާއި މީދޫ ޖޫނިއަރސްގެ ޓީމެވެ. ޗެމްޕިއަން ޓީމަށް 3000 ރުފިޔާ ހުށަހެޅިފައިވާ މި މުބާރާތު މެއިން ސްޕޮންސަރ އަކީ ހައި އެނާޖީ ކަމަށް އެފް.އެމް.ޑީން މައުލޫމާތު ދެއްވައެވެ.

މީގެ އިތުރުން ޖާނީ އާއި ފައުންޑޭޝަން ފޯ މީދޫ ޑިވެލޮޕްމަންޓް ގުޅިގެން ޑްރަގުން ސަލާމަތްވުމަށް މަސައްކަތްކުރާ މީދޫގެ ޒުވާނުންނަށް ބާއްވާ ޚާއްސަ ބައްދަލުވުމެއް މިރޭ 8:30 ގައި ބެއްވުމަށްވަނީ ހަމަޖެހިފައެވެ.


Add comment July 26, 2008

ސިކްސް-އަ-ސައިޑް ޗެލްންޖް ކޮމިއުނިޓީ ކަޕް ސުރި އޮރި ޓީމުން ހޯދައިފި

މީދޫ ސީނިއަރ ފުޓްބޯޅަ ކުޅުންތެރިން އިސްނަގައިގެން ބޭއްވި ސިކްސް-އަ-ސައިޑް ޗެލެންޖް ފުޓްބޯޅަ މުބާރާތުގެ ކޮމިއިނިޓީ ކަޕް ސުރި އޮރިން ކާމިޔާބު ކުރީ އިއްޔެ ކުޅެވުނު ފައިނަލް މެޗްގައި އެފް.ސީ ވާރިއާއި ބައްދަލުކޮށް 6-0 ން ނެވެ. ރަށުގެ ވަރަށް ގިނަ އަދަދެއްގެ ބަޔަކު ކުޅިބަލަންދިޔަ ފައިނަލް މެޗްގެ އެއްމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ސުރި އޮރި ޓީމުގެ ޒުވާން ފޯވާޑް މިރުފާނުއެވެ. މިރުފާނު ވަނީ ފައިނަލް މެޗުގައި ހެޓްރިކް ހަދައި މުބާރާތުގެ 21 އަހަރުން ދަށުގެ އުއްމީދީ ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ. މި މުބާރާތުގެ އެއްމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ސުރި އޮރި ޓީމުން ޖެހި 6 ގޯލުގެ ތެރެއިން ފުރަތަމަ ގޯލު ޖެހި ކުޅުންތެރިޔާ އަފްލަލުއެވެ. މުބާރާތުގެ އެއްމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާއަށް ހޮވުނީ ލީގު ޗެމްޕިއަންކަން ހޯދި އެފް.ސީ ރުއްކުލި ޓީމުގެ އަބްދުﷲ ހަމީދު (އިއްކޫ) އެވެ. އޭނާ ވަނީ މި މުބާރާތުގެ ލީގު ބުރުގައި 5 ގޯލު ޖަހާފައެވެ. މީދޫ ވީކްލީއިން ކުރިއަށްގެންދާ “މީދޫއަށް ހިނިތުންވުން ގެނެސްދެއްވާށެވެ” ކެންޕޭނުގެ ދަށުން ބެލުންތެރިންނަށް ހުޅުވާލި 500 ރުފިޔާގެ ލަކީ ޑްރޯ ކާމިޔާބުކުރީ ކެނެރީ ވާދީ ޒިމާމް އެވެ. މިދިޔަ ޖޫން މަހު ކުޅެވުނު 6/6 ގެ ނަމުން މަޝްހޫރުވި ފުޓްބޯޅަ މެޗްގައިވެސް މީދޫ ވީކްލީއިން ވަނީ ލަކީ ޑްރޯއެއް ބާއްވާފައެވެ. އެ ލަކީ ޑްރޯގައި 90 އަށްވުރެ ގިނަ ބޭފުޅުންވަނީ ބައިވެރިވެފައެވެ.

މީދޫ ސީނިއަރ ފްޓްބޯޅަ ކުޅުންތެރިން އިސްނަގައިގެން މި ބޭއްވި މުބާރާތުގެ ސަބަބުން ރަށުގައި ފުޓްބޯޅައިގެ ފޯރިވަނީ ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައެވެ. އެގޮތުން މިހާރުވެސް އިތުރު މުބާރާތްތަކެއް ބާއްވާނެކަމަށް އެކި ފަރާތްތަކުންވަނީ ހާމަކޮށްފައެވެ. ކުރިއަށް ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތް ތަކުގެ ތެރޭގައި ހިމެނެނީ މިއަނަން ފިތުރު އީދުގައި ބާއްވާ 9 ވަނަ އައި.އެސް.އޭ ކަޕާއި އޭގެ ފަހުން ނައުޒާނަ ފްރެޝްއިން ބާއްވާ ފުޓްބޯޅަ މުބާރާތެވެ. ޒަމާންތަކަށްފަހު މިފަދަ މުބާރާތްތަކެއް ރަށުގައި ބޭއްވޭ ކަމީ މީދޫގެ ފުޓްބޯޅަ ކުރިއެރުވުމަށް އެޅޭ ވަރަށް މުހިއްމު ފިޔަވަޅެކެވެ. ޚާއްސަކޮށް އައި.އެސް.އޭ ކަޕް އަލުން ބޭއްވޭ ކަމީ ރަށުގެ ފުޓްބޯޅައަށް ލޯބިކުރާ ހަމަ ކޮންމެ މީހަކުވެސް އުފާކުރާނެ ކަމެކެވެ.


Add comment July 26, 2008

އާވެރިންގެ ޓީމެއް މީދޫއަށް ބޭނުމެވެ

ލިޔުމުގެ އަސްލު ބެއްލެވުމަށް

މީދޫ ވެރިންގެ ގޮތުގައި މިހާރު ތިއްބެވި ބޭފުޅުންގެ ބަދަލުގައި އާ ވެރިންގެ ޓީމެއް މީދުއަށް ބޭނުންވެއެވެ. މިއީ އެއްގޮތަކަށްވެސް އެބޭފުޅުންނަށް ދަންނަވާ ޒާތީ ބަހެއްކަމުގައި ދެކެވަޑައި ނުގެންނެވުން އެދެމެވެ.

މީދޫ ވެރިންގެ ޓީމަށް ގެންނަންވީ ބަދަލަކީ ޒުވާން ތަޢުލީމީ ކެރޭ ވެރިން ވެރިކަމަށް ގެނައުމެވެ.ރާއްޖެއަށް މިއަންނަ ބަދަލުތައް ދަންނަ ހޭލުންތެރި ބަޔަކަށް ވެރިކަން ހަވާލުކުރުމެވެ. ރައްޔިތުންގެ ނަމުގައި ކެރިގެން ކުރިއަށް ދާންކެރޭ ބަޔަކަށް ވެރިކަން ދިނުމެވެ. ކޮންމެ ކަމެއްގައިވެސް ކުރިއަށް ދެވޭނީ އެބައެއްގެ ހޭލުންތެރިކަން ހުރި މިންވަރަކުންނެވެ. މީދޫގެ ތަރައްޤީއަށް އިތުރަށް ބޭނުންވާ ކަންތައްތައް ކުރުމަށް މިހާރަށްވުރެ ހަރަކާތްތެރި މިހާރަށްވުރެ އަވަސް ފިޔަވަޅުތައްއެޅޭ މިހާރަށްވުރެ ތަޢުލީމީ މިހާރަށްވުރެ ކެރޭ ވެރިންގެ ޓީމެއް ބޭނުންވެއެވެ.

ރަށްރަށުގެ ވެރިންނަކީވެސް އާ ގާނޫނު އަސާސީގެ ދަށުން އިންތިޚާބު ކުރެވޭ ބަޔަކަށް ވާނެކަމަށް ރޭޑިޔޯ އިންނާއި ޓީވީން އެބަގޮވައެވެ. އެދުވަސް އައިސްގެން މިހާރު މީދޫގައި ވެރިކަންކުރާ ބޭފުޅުންނަށް ރައްޔިތުންގެ އިތުބާރުނެތިގެން ވެރިކަމުން ދުރުވެވަޑައިގެންނެވުމަށް ޖެހުމަކީ ތިޔަ ބޭފުޅުންނަށްވެސް ލިބިވަޑައިގަންނަވާނެ ދެރައެކެވެ.

ރާއްޖޭގައި މިހާރު މިއޮތް ސިސްޓަމުގެ ތެރޭގައި ރަށްރަށުގެ ވެރިންނަކީ މާބޮޑު ބާރުތަކެއް އޮތް ބައެއް ނޫނެވެ. އެޓޯލްސް މިނިސްޓްރީ އާއި އަތޮޅު އޮފީހުން ލަފާދެއްވާ ގޮތަކަށް ކަންތައްތައް ކުރައްވަން ޖެހިވަޑައިގަންނަވާ ކަހަލަ ގޮތަކަށް ތިއްބެވި ބޭފުޅުންނެވެ. އަމިއްލަ އިޚްތިޔާރުތައް ވަރަށް ކުޑައެވެ. މި ކަހަލަ ސިސްޓަމެއްގެ ތެރެއިން އާ ސިސްޓަމަކަށް ނިކުންނައިރު ޒުވާން ޓީމަކަށް ވެރިކަން ބަދަލުވުމަކީ އަޅުގަނޑުގެ ޑްރީމެކެވެ. ރާއްޖޭގެ އެހެން ބައެއް ރަށްރަށުގައި ވެރިންނާބެހޭގޮތުން ދެކެވޭ ކޮރަޕްޝަނާއި ފަސާދައިގެ މައްސަލަތައް މީދޫ ވެރިންނާމެދު ވެސް ކިޔޭ އަޑު އިވެ އެވެ.މިކަމުގެ ސަބަބުން ރަށުގެ ކުރިއެރުމަށް ހުރަސްތައް ކުރިމަތިވާ ކަމަށް އަޑުއިވެއެވެ.މީދޫ މިހާރުއޮތް ގޮތަކީ މީގެ މިސާލެކެވެ.

މީދޫ ވެރިންގެ އެންމެ ބޮޑު ފޭލިއާ ކަމަށް އަޅުގަނޑު ދެކެނީ ގުޅިގެން މަސައްކަތް ކުރުމުގެ ވައްޓަފާޅި ނެތުމެވެ. ޒުވާނުންނާއި ވެރިންނާއި އޮންނަންވީ ގުޅުން ކުޑަވުމެވެ. އަތޮޅު އޮފީހާ ސްކޫލާއި އަދިވެސް މީދޫގައި ހުރި އެހެން މުއައްސަސާތަކާ އޮންނަންވީ ގުޅުން ކުޑަވުމެވެ. އަތޮޅު ތަމުސީލު ކުރައްވާ މަޖިލިހުގެ މެންބަރުންނާ އޮންނަންވީ ގުޅުން ކުޑަވުމެވެ. އެޓޯލްސް މިނިސްޓްރީގެ ވެރިންނާއި ސަރުކާރުގެ އެހެނިހެން މުއައްސަސާތަކުގެ ވެރިންނާ އޮންނަންވީ ގުޅުން ކުޑަވުމެވެ. ކަންތައްތައް ފަހިވެގެންދާނީ އަދި ތަރައްޤީގެ ކަންތައްތައް ކުރިއަށްދާގޮތް އެގޭނީ މި ގުޅުންތައް ބަދަހިވެގެންނެވެ. ރައްޔިތުންނާ ގާތް ގުޅުންތަކެއް އޮވެގެންނެވެ. ކޮންމެ ވެރިއަކީވެސް ތިއީ ރައްޔިތުންގެ ސާވެންޓުން (ޚާދިމުން)  ކަން ޤަބޫލުކުރެވިގެން ވެރިކަން ކުރައްވައިގެންނެވެ. އެކިއެކި ބޭނުންތަކުގައި އޮފީހަށްދާ ރައްޔިތުންނަށް ރުންކުރު ޖަވާބުތައް ދެއްވައިގެންނެއްނޫނެވެ. އަދި ވެރިންގެ ތެރޭގައި އެއްބޭފަޅަކު އަނެއް ބޭފުޅެއްގެ ބޮލަށް ކަންތައްތައް ކަނޑާލައްވައިގެން އެއްބޭފުޅަކު އަނެއް ބޭފުޅެއްގެ އަގު ވައްޓާލައްވައިގެންނެއް ނޫނެވެ.

މީދޫ ވެރިކަމަށް މިހާރު ތިއްބެވި ބޭފުޅުންނަށްވުރެ ގާބިލު ބަޔަކު އަންނާނެ ދުވަހަކަށް އިންތިޒާރު ކުރަމެވެ. އެކަމަށް އިސްނަގާ މިހާރުން ފެށިގެން ރައްޔިތުންގެ މަޤުބޫލުކަން ހޯއްދެވުމަށް ރައްޔިތުންގެ ކުރިމައްޗަށް ނިކުންނަން ކެރޭ ޒުވާނުން ބޭނުންވެއެވެ.މީދޫގައި އެންމެ ފަހުން އިންތިޚާބު ކުރެވުނު ރކ ކޮމެޓީގެ އިންތިޚާބަށްވެސް ކުރިމަތިލައްވާނެ ތަޢުލީމީ ހިންގުންތެރި ޒުވާނުންއޮތީ ނުވެފައެވެ. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ ކަމުގެ މަޤާމު އަދާކުރާނެ މީހަކުވެސް ހޯދަން ޖެހެނީ އާދޭސްކޮށްގެންނެވެ. މިހެން މިކަންއޮތްއިރު ވެރިން އިންތިޚާބުކުރާ އިންތިޚާބެއްގައި ވެރިކަމަށް ކުރިމަތިލާނެ މީހަކު ވާނެބާއޭވެސް ހިތަށް އަރައެވެ. މީހުން ވެދާނެއެވެ. ބޭނުންވަނީ މިހާރު ވެރިކަމުގައި ތިބި ބޭފުޅުންނަށްވުރެ ޒުވާން ހިންގުންތެރި އަދި އެކަޑަމިކް ކޮލިފިކޭޝަން މަތި ބައެކެވެ .


Add comment July 26, 2008

Previous Posts


Meedhoo Live

Reliable $1 Web Hosting by 3iX Sign up for DriveHQ.com.

RSS Meedhoo Live

އެއްމެފަހުގެ ލިޔުންތައް

އެއްމެ މަގުބޫލު

މެހުމާނުންގެ ޚިޔާލުތައް

ލިޔުންތަކުގެ އަރުޝީފު

Calendar

July 2008
M T W T F S S
« Jun   Aug »
 123456
78910111213
14151617181920
21222324252627
28293031  
Sign up for DriveHQ.com.