Posts filed under 'ކުޅިވަރު'
ސަންޓަލްކަޕް ވަގުތުން
ސަންޓަލްކްޕް2008 ގައި މާދަމާ ހަވީރު ކުޅެވޭ މެޗްގެ ލައިވް އަޕްޑޭޓް މީދޫލައިވް.ކޮމްއިން ގެނެސްދެވޭނެ ވާހަކަ ކިޔުންތެރިންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މިމެޗްގައި ބައްދަލުކުރާނީ މުއްސަދުމަންސޫރުގެ ކެޕްޓަންކަމުގައި ކުޅޭ މައިސްޓަރ އާއި އަބްދުﷲސައީދުގެ ކެޕްޓަންކަމުގައިކުޅެވޭ އައިޓެކްގެ ޓީމެވެ. މިމެޗްގެ ލައިވްއަޕްޑޭޓް ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 4.00ގައެވެ.
Add comment August 12, 2008
އައްޑޫ ފްޓްސަލް ޗެލެންޖް 2008
މިމުބާރާތުގައި އިއްޔެ ކުޅެވުނުފުރަތަމަ މެޗްގައި ބައްދަލުކުރީ ހަނދުފުށީ ޓީމާއި މަރަދޫ ބީ ޓީމެވެ. މިމެޗް 3 ލަޑު 2 ލަޑުން ކާމިޔާބުކުރީ މަރަދޫ ބީޓީމެވެ. މިމެޗްގެ އެންމެ މޮޅުކުޅުންތެރިއަކަށް ހޮވުނީ މަރަދޫ ޓީމްގެ ހުސެން އަބީދެވެ. <އިތުރަށް ވިދާޅުވެ ކޮމެންޓް ކުރެއްވުމަށް>
August 12, 2008
އައްޑޫ ފްޓަސަލް ޗެލެންޖް 2008:މީދޫ ސަންސެޓް ޓީމު ފުރަތަމަ މެޗުން އެއްވަރު
އޮގަސްޓް 10، 2008: ހަސަން ޝާހިދު
ހުޅުދޫ މަސްވެރިންގެ ޖަމްއިއްޔާ (އެޗް.އެމް.ޖޭ) އިން އިންތިޒާމުކޮށްގެން ބާއްވާ ފުޓްސަލް މުބާރާތުގައި މިއަދު ކުޅުނު ދެވަނަ މެޗްގައި މީދޫ ސަންސެޓް އެފް.ސީ މަރަދޫ އާއި ބައްދަލުކޮށް 2-2 ން އެެއްވަރުވެއްޖެއެވެ. މި މެޗްގެ ފުރަތަމަ ހާފްގައި މޮޅަށް ކުޅެ މަރަދޫ ޓީމުން ގޯލެއްޖެހި ނަމަވެސް ސަންސެޓް ޓީމުންވެސް ގޯލު ޖަހާނެ ގިނ ފުރުސަތުތަކެއް ހޯދާފައިވެއެވެ.
ދެވަނަ ހާފު ފެށިގެން މާގިނައިރުތަކެއް ނުވެ މަރަދޫ ޓީމުން އެމީހުންގެ ދެވަނަ ގޯލު ކާމިޔާބު ކުރިއެވެ. މި ނަތީޖާއާއެކު ސަންސެޓް ޓީމުގެ ކުޅުން ވަރުގަދަކޮށް ގިނަ ހަމަލާތަކެއް އުފައްދަން ފެށިއެވެ. ޚާއްސަކޮށް ސަންސެޓް ޓީމުގެ ޖާޒީ ނަމްބަރު 8، މިރުފާނުގެ ހަމަލާތައް ވަރަގަދަވުމުގެ ސަބަބުން މަރަދޫ ޓީމު އެއްކޮށް ފަހަތައް ޖެހެން މަޖުބޫރުވިއެވެ. ނަތީޖާއަކަށްވީ ސަންސެޓް ޓީމުން މެޗް ނިމެން އެއްމެ ފަސްމިނެޓަށް ވެފައިވަނިކޮށް ދެ ގޯލު ޖަހައި 2-2 މެޗް އެއްވަރު ކުރުމެވެ. މި މެޗްގެ މޭން އޮފްދަ މެޗްގެ މަގާމު ހޯދާފައިވަނީ ސަންސެޓް ޓީމަށް 2 ގޯލު ކާމިޔާބުކޮށްދިން މިރުފާނުއެވެ. ސަންސެޓް ޓީމު ދެން މި މުބާރާތުގައި ބައްދަލުކުރާނީ މިއަދުގެ ފުރަތަމަ މެޗުން މޮޅުވި ހުޅުދޫ ބެސްޓް ސިލެކްޝަން ޓީމާއެވެ. މި މެޗް ކުޅުމަށް ހަމަޖެހިފައިވަނީ 12 އޮގަސްޓް 2008 ދުވަހު ހަވީރު 4:00 ގައެވެ.
Add comment August 10, 2008
ސަންޓަލް ކަޕް 2008
އޮގަސްޓް 07، 2008: ހަސަން ޝާހިދު
މިދިޔަ ޖުލައި 4-25 މީދޫ ސީނިއަރ ކުޅުންތެރިން އިސްނަގައިގެން ބޭއްވި ފުޓްބޯޅަ މުބާރާތުގެ ސަބަބުން ރަށުގައި ފުޓްބޯޅައިގެ ފޯރިވަނީ ވަރަށްބޮޑަށް އިތުރުވެފައެވެ. އެ މުބާރާތް ނިމުމާއެކު ރަށުގެ ވިޔަފާރިވެރިންގެ ފަރާތުން ފުޓުބޯޅަ ކުރިއެރުވުމަށްޓަކައި އިތުރު މުބާރާތްތަކެއް ބާއްވާނެކަމަށްވަނީ އިއުލާން ކޮށްފެއެވެ. އޭގެ ތެރޭގައި ހިމެނެނީ ނައުޒާނާ ފްރްޝް، ވިޝް ޕޮއިންޓް އަދި ކައްޕި މާކެޓީންގއެވެ.
އެގޮތުން ކައްޕި މާކެޓިން ޕްރައިވެޓް ލިމިޓެޑުން އިންތިޒާމުކޮށްގެން ބާއްވާ ”ސަންޓަލް ކަޕް 2008″ މުބާރާތް މާދަމާ ފެށޭނެއެވެ. ޖުމްލަ 6 ޓީމު ބައިވެރިވާ މި މުބާރާތުގެ މާދަމާ ބައްދަލުކުރާނީ އެފް.ސީ ސަންޓަލް އާއި މައިސްޓާއެވެެ.
Add comment August 7, 2008
ޝަމްސުއްދީން ސްކޫލްގެ އިންޓަރ ހައުސް ފުޓްބޯޅަ މުބާރާތް ފެށިއްޖެ
އައި.އެސް.އޭ
ޝަމްސުއްދީން ސްކޫލްގެ އިންޓަރ ހައުސް ފުޓްބޯޅަ މުބާރާތް މިއަދު ހެދުނު 7.00 ގައި މީދޫ ބޯޅަ ދަނޑުގައި ފެށިއްޖެއެވެ. މިމުބާރާތުގައި އެސްކޫލްގެ 4 ހައުސްއިން ކޮންމެ ހައުސަކުން 3 ޓީމް ބައިވެރިކޮށްފައި ވެއެވެ. އެއީ 9 އަހަރުން ދަށާ 11 އަހަރުން ދަށާ 13 އަހަރުން ދަށުގެ ޓީމެކެވެ. މިމުބާރާތުގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ ކޮންމެ އުމުރު ފުރައަކުންވެސް ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލުކުރުމަށްފަހު ޕޮއިންޓްގެ ގޮތުން އެންމެ މޮޅު ދެޓީމް ފައިނަލްގައި ކުޅޭ ގޮތަށެވެ. މިގޮތުން މިއަދު ހެދުނު މިމުބާރާރުގެ 6 މެޗް ކުޅެވުނެވެ. އެއީ 13 އަހަރުން ދަށުގެ 2 މެޗް 11 އަހަރުން ދަށުގެ 2 މެޗް އަދި 9 އަހަރުން ދަށުގެ 2 މެޗެވެ. މިމުބާރާތުގެ 6 މެޗް މިއަދު ހަވީރުވެސް ކުޅުމަށް ހަމަޖެހިފައިވާކަމަށް މައުލޫމާތު ލިބިފައިވެއެވެ.
Add comment August 1, 2008
އެފް.އެމް.ޑީ ކަޕް 2008:ހަނދުފުށްޓާއި ޕޮލިސް މޮޅުވެއްޖެ
އެފް.އެމް.ޑީ ކަޕް 2008 ގައި އިއްޔެ ހަވީރު ކުޅެވުނީ ހަނދުފުށި ރިސޯޓްގެ ޓީމާއި ސޮކަރ ވޮލީއެވެ. މި މެޗް 3-2 ސެޓުން ކާމިޔާބުކުރީ ހަނދުފުށި ޓީމެވެ. މެޗްގެ ކުއީން އޮފްދަ މެޗަށް ހޮވުނީ ހަނދުފުށި ޓީމުގެ ފާތިމަތު ވަސީމާއެވެ. މި މުބާރަތުގެ ފިރިހެން ޑިވިޝަންގައި ރޭ ބައްދަލުކުރީ މުލިމަތި ޓީމާއި ހުޅުމީދޫ ޕޮލިސް ޓީމެވެ. މި މެޗް ސީދާ 3 ސެޓުން ކާމިޔާބުކުރީ ޕޮލިހެވެ. މެޗްގެ އެއްމެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ޕޮލިސް ޓީމުގެ ޔާސީނުއެވެ.
މި މުބާރާތުގައި މިއަދު ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ އިއްޔެގެ މެޗުން މޮޅުވި ހަނދުފުށި ޓީމާއި އައި ޓެކް ސްޕޯޓްސްއެވެ. އައި ޓެކް ސްޕޯޓްސް ވަނީ އެޓީމުން ކުޅުނު ފުރަތަ މެޗުން މޮޅުވެފައެވެ.
ޚަބަރާއި ގުޅޭ ފޮޓޯތައް:
Add comment July 29, 2008
އެފް.އެމް.ޑީ ކަޕް 2008 ފެށިއްޖެ
ފައުންޑޭޝަން ފޯ މީދޫ ޑިވެލޮޕްމަންޓުން މިއަހަރުގެ މިނިވަންދުވަހާއި ގުޅުވައިގެންބާއްވާ “އެފް.އެމް.ޑީ ކަޕް 2008″ ވޮލީ މުބާރާތުގެ ކުޅުން އިއްޔެ ހަވީރު ފެށިއްޖެއެވެ. މީދޫ ސޯޝަލް ސެންޓަރު ވޮލީ ކޯޓުގައި ކުރިއަށްދާ މި މުބާރާތުގެ ފުރަތަމަ މެޗުގައި އިއްޔެ ހަވީރު ކުޅެވުނީ އަންހެން ޑިވިޝަންގެ މެޗެކެވެ. މި މެޗްގައި މީދޫ ޖޫނިއަރސް އާއި ބައްދަލުކޮށް ސީދާ 3 ސެޓުން މެޗް ކާމިޔާބު ކޮށްފައިވަނީ އައި ޓެކް ސްޕޯޓްސްއެވެ. ގިނަ އަދަދެއްގެ ސަޕޯޓަރުން ކުޅިބަލަން ދިޔަ މި މެޗްގެ ކުއީން އޮފްދަ މެޗަށް ހޮވިފައިވަނީ ހައި ޓެކްގެ ޝާމިލާއެވެ. މި މުބާރާތުގެ ފިރިހެން ޑިވިޝަންގެ ކުޅުން ފެށިފައިވަނީ ރޭގައެވެ. ފިރިހެން ޑިވިޝަންގެ ފުރަތަމަ މެޗްގައި މީދޫ ޖޫނިއަރސް އާއި ބައްދަލުކޮށް 3 ސެޓްން މެޗް ކާމިޔާބުކުރީ މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ހިމެނޭ ފިށިމަތި ޓީމެވެ. މީދޫ ޖޫނިއަރސް މި މެޗުން ބަލިވިނަމަވެސް އެ ޓީމުންވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މި މެޗްގެ މޭން އޮފްދަ މެޗަށް ހޮވުނީ ފިށިމަތި ޓީމުގެ އާނިސްއެވެ. އާނިސް އަކީ މީދޫ ގަދަ 6 ގައި ހިމެނޭ ކުޅުންތެރިއެކެވެ.
މީދޫ ވީކްލީ އާއި ޝަޒުމް އިންވެސްޓްމަންޓް ގުޅިގެން މި މުބާރާތުގެ މެޗްތައް ކުޅެވޭ ވަގުތު ވަރަށް ޚާއްސަ ލަކީ ޑްރޯއެއް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖައްސާފައެވެ. މި ލަކީ ޑްރޯގެ މަގްސަދަކީ ކުޅިވަރުގެ ތެރެއިން އިޖްތިމާއީ އެއްބައިވަންތަކަން އާލާކުރުމަށްޓަކައި ތަފާތު އެކި މެސްޖްތައް ބެލުންތެރިންނަށް ގެނެސްދިނުމުވެ.
Add comment July 28, 2008
މިނިވަންދުވަސް މީދޫ ފާހަގަކުރަނީ
މިއަހަރުގެ މިނިވަންދުސް ފާހަނގަ ކުރުމުގެ ގޮތުން ރަށުގައި ބާއްވާ ހަރަކާތްތައް ފެށިގެން ދިޔައީ ރޭ ޝަމްސުއްދީނު ސްކޫލުގައި ބޭއްވި ޚާއްސަ ޖަލްސާއަކުންނެވެ. މި ޖަލްސާއަކީ ސްކޫލު ކުދިންނަށް މިނިވަން ދުވަހާއި ބެހޭގޮތުން މައުލޫމާތު ދެއްވުމަށް ބޭއްވުނު ޖަލްސާއެއްކަމަށް އެ ސްކޫލުން މައުލޫމާތު ދެއްވައެވެ. މީގެ އިތުރުން މިއަދު ހަވީ 4:15ގައި އެ ސްކޫލުގެ ބްރާސް ބޭންޑް ރަށުގެ ބޮޑު މަގުގައި ކުޅޭނެއެވެ. ޕްރައިމަރީ ސްކޫލެއްގައި މިހާތަނަށް އުފައްދާފައިވާ ހަމައެކަނި ބްރާސް ބޭންޑުން ވަނީ މިއަހަރުގެ ކުޑަކުދިންގެ ދުވަހުގައިވެސް ރަށުގެ ބޮޑު މަގުތަކުގައި އެބޭންޑްގެ ހުނަރު ދައްކާލާފައެވެ. ޝްމްސުއްދީނު ސްކޫލުގެ ބްރާސް ބޭންޑުން މިއަދު ހުށަހަޅާ އައިޓަމުގައި އެ ސްކޫލުގެ ހުރިހާކުދިން ބައިވެރިވާނެކަމަށް ސްކޫލުގެ ސްޕަވައިޒަރ އަލީ ޝަރީފު މީދޫ ވީކްލީއަށް މައުލޫމާތު ދެއްވިއެވެ.
މިނިވަން ދުވަސް ފާހަގަ ކުރުމަށްޓަކައި ޝަރީފީ ޕްރީ ސްކޫލުންވެސް ކުޑަކުދިންގެ ވަރަށް ޚާއްސަ އައިޓަމްތަކެއް މިއަދު ހަވީ ބޮޑު މަގަގައި ހުށަހަޅާގޮތައް ވަނީ ހަމަޖައްސާފައެވެ. އެގޮތުން ތުއްތު ކުދިންގެ ތަފާތު އަޓަމްތަކެއް މިއަދު ފެނިގެންދާނެ ކަމަށް ޝަރީފީ ޕްރީ ސްކޫލުން މައުލޫމާތު ދެއްވައެވެ.
ޖުލައި 26 ފާހަގަ ކުރުމުގެ ގޮތުން ފައުންޑޭޝަން ފޯ މީދޫ ޑިވެލޮޕްމަންޓުން ހިންގުމަށް ހަމަޖައްސާފައިވަނީ ދެޖިންސަށް ވަކިން ހުޅުވާލެވިފައިވާ ވޮލީ މުބާރާތެކެވެ. މި މުބާރާތުގައި އަންހެން 4 ޓީމު، އަދި ފިރިހެން 4 ޓީމުން ބައިވެރިވެފައިވެއެވެ. މުބާރާތް ހުޅުވާ މެޗްގައި މާދަމާ ހަވީރު ކުޅޭނީ އަންހެން ޑިވިޝަންގެ ދެޓީމު ކަމަށްވާ ހައި-ޓެކް ޓީމާއި މީދޫ ޖޫނިއަރސްގެ ޓީމެވެ. ޗެމްޕިއަން ޓީމަށް 3000 ރުފިޔާ ހުށަހެޅިފައިވާ މި މުބާރާތު މެއިން ސްޕޮންސަރ އަކީ ހައި އެނާޖީ ކަމަށް އެފް.އެމް.ޑީން މައުލޫމާތު ދެއްވައެވެ.
މީގެ އިތުރުން ޖާނީ އާއި ފައުންޑޭޝަން ފޯ މީދޫ ޑިވެލޮޕްމަންޓް ގުޅިގެން ޑްރަގުން ސަލާމަތްވުމަށް މަސައްކަތްކުރާ މީދޫގެ ޒުވާނުންނަށް ބާއްވާ ޚާއްސަ ބައްދަލުވުމެއް މިރޭ 8:30 ގައި ބެއްވުމަށްވަނީ ހަމަޖެހިފައެވެ.
Add comment July 26, 2008
ސިކްސް-އަ-ސައިޑް ޗެލްންޖް ކޮމިއުނިޓީ ކަޕް ސުރި އޮރި ޓީމުން ހޯދައިފި
މީދޫ ސީނިއަރ ފުޓްބޯޅަ ކުޅުންތެރިން އިސްނަގައިގެން ބޭއްވި ސިކްސް-އަ-ސައިޑް ޗެލެންޖް ފުޓްބޯޅަ މުބާރާތުގެ ކޮމިއިނިޓީ ކަޕް ސުރި އޮރިން ކާމިޔާބު ކުރީ އިއްޔެ ކުޅެވުނު ފައިނަލް މެޗްގައި އެފް.ސީ ވާރިއާއި ބައްދަލުކޮށް 6-0 ން ނެވެ. ރަށުގެ ވަރަށް ގިނަ އަދަދެއްގެ ބަޔަކު ކުޅިބަލަންދިޔަ ފައިނަލް މެޗްގެ އެއްމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ސުރި އޮރި ޓީމުގެ ޒުވާން ފޯވާޑް މިރުފާނުއެވެ. މިރުފާނު ވަނީ ފައިނަލް މެޗުގައި ހެޓްރިކް ހަދައި މުބާރާތުގެ 21 އަހަރުން ދަށުގެ އުއްމީދީ ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ. މި މުބާރާތުގެ އެއްމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ސުރި އޮރި ޓީމުން ޖެހި 6 ގޯލުގެ ތެރެއިން ފުރަތަމަ ގޯލު ޖެހި ކުޅުންތެރިޔާ އަފްލަލުއެވެ. މުބާރާތުގެ އެއްމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާއަށް ހޮވުނީ ލީގު ޗެމްޕިއަންކަން ހޯދި އެފް.ސީ ރުއްކުލި ޓީމުގެ އަބްދުﷲ ހަމީދު (އިއްކޫ) އެވެ. އޭނާ ވަނީ މި މުބާރާތުގެ ލީގު ބުރުގައި 5 ގޯލު ޖަހާފައެވެ. މީދޫ ވީކްލީއިން ކުރިއަށްގެންދާ “މީދޫއަށް ހިނިތުންވުން ގެނެސްދެއްވާށެވެ” ކެންޕޭނުގެ ދަށުން ބެލުންތެރިންނަށް ހުޅުވާލި 500 ރުފިޔާގެ ލަކީ ޑްރޯ ކާމިޔާބުކުރީ ކެނެރީ ވާދީ ޒިމާމް އެވެ. މިދިޔަ ޖޫން މަހު ކުޅެވުނު 6/6 ގެ ނަމުން މަޝްހޫރުވި ފުޓްބޯޅަ މެޗްގައިވެސް މީދޫ ވީކްލީއިން ވަނީ ލަކީ ޑްރޯއެއް ބާއްވާފައެވެ. އެ ލަކީ ޑްރޯގައި 90 އަށްވުރެ ގިނަ ބޭފުޅުންވަނީ ބައިވެރިވެފައެވެ.
މީދޫ ސީނިއަރ ފްޓްބޯޅަ ކުޅުންތެރިން އިސްނަގައިގެން މި ބޭއްވި މުބާރާތުގެ ސަބަބުން ރަށުގައި ފުޓްބޯޅައިގެ ފޯރިވަނީ ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައެވެ. އެގޮތުން މިހާރުވެސް އިތުރު މުބާރާތްތަކެއް ބާއްވާނެކަމަށް އެކި ފަރާތްތަކުންވަނީ ހާމަކޮށްފައެވެ. ކުރިއަށް ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތް ތަކުގެ ތެރޭގައި ހިމެނެނީ މިއަނަން ފިތުރު އީދުގައި ބާއްވާ 9 ވަނަ އައި.އެސް.އޭ ކަޕާއި އޭގެ ފަހުން ނައުޒާނަ ފްރެޝްއިން ބާއްވާ ފުޓްބޯޅަ މުބާރާތެވެ. ޒަމާންތަކަށްފަހު މިފަދަ މުބާރާތްތަކެއް ރަށުގައި ބޭއްވޭ ކަމީ މީދޫގެ ފުޓްބޯޅަ ކުރިއެރުވުމަށް އެޅޭ ވަރަށް މުހިއްމު ފިޔަވަޅެކެވެ. ޚާއްސަކޮށް އައި.އެސް.އޭ ކަޕް އަލުން ބޭއްވޭ ކަމީ ރަށުގެ ފުޓްބޯޅައަށް ލޯބިކުރާ ހަމަ ކޮންމެ މީހަކުވެސް އުފާކުރާނެ ކަމެކެވެ.
Add comment July 26, 2008
ސިކްސް-އަ-ސައިޑް ޗެލެންޖް: ލީގު ފައިނަލް މެޗް މިއަދު ހަވީރު
ސިކްސް-އަ-ސައިޑް ޗެލެންޖް ފުޓްބޯޅަ މުބާރާތުގެ ލީގު ފަހުމެޗް މިއަދު ހަވީރު 4.30 ގައި މީދޫ ރަސްމީ ފުޓްބޯޅަދަނޑުގައި ކުޅެވޭނެއެވެ. ޖުމްލަ 6 ޓީމު ބައިވެރިވެފައިވާ ސިކްސް-އަ-ސައިޑް ޗެލެންޖް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ފަހު މެޗްގައި މިއަދު ބައްދަލު ކުރާނީ 10 ޕޮއިންޓް ހޯދަގެން ގްރޫޕުގެ އެއްވަނާގައިވާ އެފް.ސީ ރުއްކުއްލި ޓީމާއި 9 ޕޮއިންޓާއެކު ދެވަނާގައިވާ އެފް.ސީ ސުރިއޮރިއެވެ. މިއަދު ކުޅޭ ދެޓީމު ފިޔަވައި އެހެން ހުރިހާ ޓީމުތައްވަނީ ފުރަތަމަ ބުރުގައި ކުޅެންޖޭ 5 މެޗް ކުޅެފައެވެ. އެހެންކަމުން މިއަދު ކުޅެވޭ މެޗުގެ ނަތީޖާއިން ލީގު ޗެމްޕިއަންކަން ލިބޭނެ ޓީމެއް އެގިގެންދާނެއެވެ.
މިއަދު ކުޅޭ ދެޓީމަށް ބަލާއިރު އެފް.ސީ ސުރިއޮރި ޓީމުގެ މަޝްހޫރު ފޯވާޑް ކުޅުންތެރިޔާ މުޖުތަބާ މަންސޫރަށް ލިބިފައިވާ އަނިޔާގެ ސަބަބުން އޭނާއަށް ނުކުޅެވޭނެކަމަށް އެޓީމުން ހާމަކުރެއެވެ. މުޖުތަބާގެ ކުޑަހުޅަށް އަނިޔާފެވަފައިވަނީ އެޓީމު އެފް.ސީ ވާރިއާއި ކުޅުނު މެޗްގައެވެ. އެ މެޗްގައި މުޖުތަބާވަނީ އެޓީމުން ޖެހި 6 ގޯލުގެ ތެރެއިން ދެގޯލު ޖަހައި މޮޅު ކުޅުމެއް ދައްކާފައެވެ. އެހެންކަމުން ވަރަށްގިނަބަޔަކު މިއަދުގެ މެޗުން މުޖުތަބާ ފެނިގެންދިއުމަށް އެދެއެވެ. ނަމަވެސް އެންޖަރީގެ ސަބަބުން ބެންޗުގައި މަޑުކުރަންޖެހިފައިވާ މުޖުތަބާގެ މަގާމަށް މިއަދު ކުޅޭނެކަމަށް ޚަބަރު ލިބިފައިވަނީ ކުރީގެ މަޝްހޫރު ކުޅުންތެރިއެއްކަމަށްވާ ޝަހީމު (ޝަހު) އެވެ. ސުރިއޮރިން މިއަދުގެ މެޗަށް ތައްޔާރުވެފައިވަނީ ކިހާވަރަކަށްތޯ ސުވާލުކުރުމުން މުޖުތަބާ ބުނެފައިވަނީ މިއަދުގެ މެޗާއިދޭތެރޭ އެމީހުން އެއްވެސް ޝައްކެތް ނުކުރާކަމަށެވެ.
އެފް.ސީ ސުރިއޮރި ޓީމާއި ދެކޮޅަށް މިއަދު ނިކުންނަ އެފް.ސީ ރުއްކުއްލި މިހާތަނައް މުބާރާތުގައި ކުޅުނު އެއްވެސް މެޗަކުން ބަލިވެފައިނުވެއެވެ. ރުއްކުއްލި ޓީމުން ހަތަރުމެޗް ކުޅެ 14 ގޯލު ޖަހާފައިވާއިރު ބައިކޮޅަށް ވަދެފައިވަނީ އެއްމެ 3 ގޯލެވެ. މުބާރާތުގައި މިހާތަނަށް 21 ރީނދޫ ކާޑައި 2 ރަތްކާޑު ފެނިފަވާއިރު ރުއްކުލި ޓީމަށް ދައްކާފައިވަނީ އެއްމެ ރީނދޫ ކާޑެކެވެ. އެހެންކަމުން އެޓީމަކީ މިމުބާރާތުގެ އެއްމެ މޮޅު އަދި އެއްމެ ޑިސިޕްލިންގ ޓީމުކަމުގައިވަނީ ބެލެވިފައެވެ. މިއަދުގެ މެޗާއިބެހޭގޮތުން ރުއްކުލި ޓީމުގެ ގޯލުކީޕަރު ޝާމިޒު (ޑެނީ) ބުނެފައިވަނީ އެމީހުން ކޮންމެ މެޗަކަށްވެސް ނިކުންނަނީ މޮޅުވާންކަމަށާއި މިއަދުގެ މެޗުވެސް ކުޅޭނީ މޮޅުވުމަށް ކަމަށެވެ. މިއަދުގެ މެޗް ޑްރޯ ކޮށްގެން ލީގު ލިބެން އޮތަސް އެޓީމުން ކުޅޭނީ މޮޅުވެގެން ލީގު ޗެމްޕިއަންތަށި އުފުލާލުމަށްކަމަށްވެސް ޑެނީ ހާމަކުރިއެވެ.
މިހާތަނަށް މުބާރާތައް ލިބެމުނައައިސްފައިވާ ތަރުހީބައް ބަލާއިރު މިއަދުގެ މެޗް ބެއްލެވުމަށް ގިނައަދަދެއްގެ ބަޔަކު ދަނޑަށް ދާނެކަމަށް ބެލެވޭ ފައިނަލް މެޗްގެ ރަސްމިއްޔާތު ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 4.30 ގައެވެ. މިއަދުގެ މޫސުމް ގޯސްކޮށް ދެއްކިނަމަވެސް މެންދުރުފަހު ވާރޭ ނުވެހޭނަމަ މެޗް ކުޅުމަށް ހަމަޖައްސާފައިވާކަމަށް މުބާރާތުގެ އޮގަނައިޒިންގ ކޮމެޓީން ވިދާޅުވެއެވެ. މިއަދުގެ މެޗުބެއްލެވުމަށް ދަނޑަށް ވީހާވެސް ގިނަބަޔަކު ވަޑައިގެން ދެއްވުމަކީ މުބާރާތުގެ އޮގަނައިޒިންގ ކޮމެޓީނެއް ވަރަށްބޮޑަށް އެދޭ ކަމެއްކަމުގައިވެސް އެކޮމެޓީން ހާމަކުރެއެވެ.
2 comments July 18, 2008











